ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުންނާއި، ޤައުމީ ފެންވަރުގައި 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމުގެ ގޮތުން ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފެވެ. އަދި ބިން ހަމަޖައްސައިދިން ރަށްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށްރަށުގެ ކައުންސިލްތައް ތަމްސީލުކުރައްވާ މެންބަރުންނެވެ.
މި އެއްބަސްވުމުގެ ދަށުން އެގްރޯފޮރެސްޓްރީ ދަނޑުތައް އެޅުމަށް ހަމަޖެހިފައިވާ 10 ރަށަކީ:
- ހއ. ބާރަށް
- ރ. އިނގުރައިދޫ
- ކ. ކާށިދޫ
- ކ. މާފުށި
- ކ. ތުލުސްދޫ
- މ. ވޭވަށް
- ލ. އިސްދޫ
- ގއ. ގެމަނަފުށި
- ގދ. ހޯޑެއްދޫ
- ގދ. ފިޔޯރީ
ދަނޑުވެރިކަމާބެހޭ ވުޒާރާއާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޤާއިމުކުރަނީ 2 ހެކްޓަރާއި 4 ހެކްޓަރާ ދެމެދުގެ ބޮޑުމިން ހުންނަ، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ނަމޫނާ ދަނޑުތަކެކެވެ. އެގްރޯފޮރެސްޓްރީއަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކީގައި އިންދައިގެން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ.
މި ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހެއްދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ދިގުމުއްދަތުގެ ބާވަތްތަކާއި، ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ. މީގެ ސަބަބުން ދިގުމުއްދަތަކަށް ކާނާ އަދި މުޑުވައްގަސް އުފެއްދުމަށް މަގުފަހިވެ، ރާއްޖެއިން ބޭރުން ތަކެތި އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާގެ ފަންނީ ލަފާގެ ދަށުން މި ދަނޑުތައް ބަލަހައްޓައި ހައްދަމުން ގެންދާނީ ކައުންސިލްތަކުންނެވެ. އަދި މި ދަނޑުތަކުގެ ޒަރީޢާއިން ރަށްރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މަޢުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ އިތުރުން، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ 400,000 އަށްވުރެ ގިނަ ގަސް މި ދަނޑުތަކުން އުފެއްދުމަކީވެސް މި މަޝްރޫޢުގެ މުހިންމު އެއް އަމާޒެވެ.
އަދި ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި، ރައްކާތެރި ގޮތުގައި މޭވާއާއި ތަރުކާރީ އުފައްދައި، މި ދާއިރާއަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ޒަމާނީ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.



