މިނީ މައުސް ކާޓޫނުގެ ކަންފަތެއްގައި ނަބިއްޔާ މުޙައްމަދު (ޞޢވ) ގެ ނަންފުޅު ލިޔެފައި ހުރި ޓީޝާޓެއް ލެވުނީ ނޭނގި ކަމަށާއި އެކަމަށްޓަކައި ނިހާޔަތަށް މާފަށް އެދޭ ކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަރްޖުން ބިޖްލާނީ އާއި އޭނާގެ އަންހެނުން ނޭހާ ސްވާމީ ބިޖްލާނީ ބުނެފިއެވެ.
މިކަން ހިނގާފައިވަނީ މީގެ ފަސް ވަރަކަށް ކުރިން އަރްޖުން އާއި ނޭހާ ދިޔަ ޕާޓީއެއްގައި، ނޭހާ އެ ޓީޝާޓު ލައިގެން ހުރުމުންނެވެ.
ޓީޝާޓުގައި މިނީ މައުސް ކުރަހާފައިވާއިރު އޭގެ އެއް ކަންފަތުގައި ވަނީ ރަސޫލާ (ޞޢވ) ގެ ނަންފުޅު އަރަބިން ލިޔެފައެވެ.
އެ ވީޑިއޯތައް އާއްމުވުމާ ގުޅިގެން އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، އެއީ މާތް ވެގެންވާ އިސްލާމްދީނާއި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށް މަލާމަތް ކުރުން ކަމުގައި ބުނެފައެވެ. އަދި އެކަމަށްޓަކައި އަރްޖުންއާއި ނޭހާއަށް އަދަބު ދިނުމަށް ވެސް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގޮވާލާފައިވެއެވެ.
މި އަމަލު ކުށްވެރިކޮށް، އަރްޖުންއާއި ނޭހާއަށް އަދަބު ދޭން ގޮވާލި މީހުންގެ ތެރޭގައި މުސްލިމުންނާއި ހިންދޫންގެ ބައެއް މީހުން ވެސް ހިމެނެއެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެ ނުރުހުންތަކާ ގުޅިގެން އަރްޖުންއާއި ނޭހާ އިއްޔެ ވަނީ ބަޔާނެއް ނެރިފައެވެ. އެ ބަޔާނުގައި އެމީހުން ބުނީ، އެ ޓީޝާޓަކީ ދުބާއީއަށް ކުރި ދަތުރެއްގައި ފޭނެއް ހަދިޔާ ކުރި ޓީޝާޓެއް ކަމަށާއި އޭގައި ލިޔެފައި ހުރީ ކީކޭކަން އެއިރު ނޭނގޭ ކަމަށެވެ.
އެހެންކަމުން އެކަމަށްޓަކައި އެންމެންގެ ކިބައިންވެސް ނިހާޔަތަށް މާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިއާއެކު އެމީހުން ބުނެފައިވަނީ، އެ ދެމީހުންނަކީ ވެސް ހުރިހާ ދީނަކަށް ވެސް އިހުތިރާމް ކުރާ، އަދި ހުރިހާ ދީނެއްގެ ޚާއްސަ ދުވަސްތައް ވެސް ފާހަގަ ކުރާ ބައެއް ކަމަށެވެ. އެހެންކަމުން ނޭނގިހުރެ ކުރެވުނު ކުށަކަށްޓަކައި އެދެމަފިރިންނާ ދިމާލަށް ޙައްޤު ނޫން ބަސްބުނެ އަދަބު ދޭން ގޮވުމަކީ ވެސް ގޯހެއް ކަމުގައި އެމީހުންގެ ބަޔާނުގައި ބުނެފައިވެއެވެ.


