މިދިޔަ ސެޕްޓެންބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 547.7 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޮގަސްޓު މަހު ރަސްމީ ރިޒާވްގައި ހުރި 643.9 މިލިޔަން ޑޮލަރާ އަޅާބަލާއިރު 14.9 އިންސައްތައިގެ ދަށްވުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަސްމީ ރިޒާވްގެ ތެރެއިން ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުންނަ ޔޫޒަބަލް ރިޒާވްގެ މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި 200.6 މިލިޔަން ޑޮލަރު ހުރި ނަމަވެސް، ސެޕްޓެންބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 167.7 މިލިޔަން ޑޮލަރަށް ތިރިވެފައެވެ. މިއީ 15.4 އިންސައްތައިގެ ދަށްވުމެކެވެ.
އެމްއެމްއޭއިން ވިދާޅުވީ، ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ އޮތޯރިޓީއަށް ސެޕްޓެންބަރު މަހު ބޭރު ފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ ބޭރު ފައިސާ ވިއްކި އަދަދު އިތުރުވުމެވެ. މިގޮތުން، އޮގަސްޓު މަހާ އަޅާބަލާއިރު ސެޕްޓެންބަރު މަހު އެމްއެމްއޭއިން ބޭރު ފައިސާ ވިއްކި މިންވަރު 46.9 އިންސައްތަ އިތުރުވެފައިވެއެވެ.
ބޭރު ފައިސާ ވިއްކި މިންވަރު އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، 2019 ވަނަ އަހަރު ސަރުކާރުން ބަޖެޓް ސަޕޯޓަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިޔަން ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން ބާކީ ދައްކަންޖެހިފައި އޮތް 50 މިލިޔަން އެމެރިކާ ޑޮލަރު ސެޕްޓެންބަރު މަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށްޓަކައި، ސަރުކާރަށް އެމްއެމްއޭއިން ޑޮލަރު ވިއްކުން ހިމެނެއެވެ. މީގެ އިތުރުން، ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި ބާޒާރަށް ލުއި ހޯދައިދިނުމުގެ ގޮތުން، ފާއިތުވި މަސްތަކެކޭ އެއްފަދައިން ބޭންކުތަކަށްވެސް އެމްއެމްއޭއިން ވަނީ ޑޮލަރު ވިއްކާފައެވެ.
ބޭރު ފައިސާއާ ބެހޭ ޤަވާއިދުގެ ދަށުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމުވާއިރު، އެގޮތަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހެއެވެ.
އެމްއެމްއޭއިން މި ފައިސާ ބޭނުންކުރަނީ އާންމުންގެ ބޭނުންތަކަށް ދޫކުރުމަށް ބޭންކުތަކަށް އަލުން ވިއްކުމަށާއި ރަސްމީ ރިޒާވް ވަރުގަދަކުރުމަށެވެ.



