މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން، ދައުލަތަށް ނަގަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު މެންދުރުފަހު ކުރި އިއުލާނެއްގައިވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ ދަށުން ބައެއް ބިންތައް ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން 14 ދުވަހުގެތެރޭ ހައުސިން މިނިސްޓްރީއަށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގަނީ:
° ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
° މަސް މާރުކޭޓު
° މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
° ލޯކަލް މާރުކޭޓު
° މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
° ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
° ކާނިވާ ސަރަހައްދު
° އާޓިފިޝަލް ބީޗު
° މަސްވެރިންގެ މައިޒާން
° ތައިސޭ ކޮށި
° ކުލީ ފާޚާނާ ނަންބަރު 2
° ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
° ބޮނޑިބަތް ޕާކު
° ރަސްފަންނު
ފާހަގަކުރެވޭ ގޮތުގައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.



