ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ.
މެޓުން ނެރުނު ސަމާލުގައި ބުނީ، އެވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން މި ސަމާލު ނެރެފައިވާއިރު، މި ދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، މެޓުން ދަނީ ހުދު ސަމާލުތައް ނެރެމުންނެވެ. އަދި ބައެއް އަތޮޅުތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވުމުގެ ހާދިސާތައް ވެސް ހިނގާފައެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މެޓުން ކުރިން ބުނެފައިވެއެވެ. މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު ވަނީ އިތުރުވެފައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ދަނީ ވިއްސާރަ ކުރަމުންނެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ވައިގެ ބާރުމިން ހުންނާނީ، 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް އެ އިދާރާއިން އަންދާޒާކޮށްފައިވަނީ، ކަނޑުތައް މަޑުވާނެ ކަމަށެވެ.
މިދުވަސްތަކުގައި ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރުވެސް ދަށެވެ. އެގޮތުން އާއްމުގޮތެއްގައި 9 ކިލޯ މީޓަރުގައި ހުންނައިރު މިވަގުތު ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައި ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.



