ވިއްސާރަ ދުވަސްވަރާ ގުޅިގެން، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ހުމުން ރައްކާތެރިވުމަށްޓަކައި، ދުރާލައި ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އިލްތިމާޒްކޮށްފިއެވެ.
ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އިތުރުވާކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާނގީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގައިކަމަށެވެ. އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް އާންމު ރައްޔިތުންނާއި، ރަށްރަށުގެ ކައުންސިލުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެޗްޑީސީ، އެފްޑީސީ، ދިވެހި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން އެކި ސަރަހައްދުތަކުން ކުނި ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލައި ފޮގު ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދެއެވެ.
ޑެންގޫ ފެތުރޭ މިންވަރު މަދުކުރުމަށް އެކި އިދާރާތަކާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ފަރުދީ ގޮތުންވެސް މިކަމަށް ޚާއްސަކޮށް ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޑެންގޫހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
° ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން
° މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން
° ޑެންގޫ ޖައްސާ ”އީޑިސް“ މަދިރި އާންމުކޮށް ހަފަނީ ދުވާލު ކަމަށްވުމާއެކު، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
° ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޤަވާއިދުން ސާފުކުރުން




