ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭއިން މިކަމަށް އެދިފައިވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ އޮތޯރިޓީން ބުނީ، ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭނަމަ ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން ގޭގެ އޮޅިގަނޑު އުސްކުރުމާއި، ފެންބޮޑުވެ ގެއަށް ފެންވަނުމުގެ ކުރިން ވެލިބަސްތާ ޖެހުމުގެ އިތުރުން އަގުބޮޑެތި މުދާ ފެން ނުޖެހޭނެ ފަދަ ރައްކާތެރި އުސް ތަންތަނުގައި ބެހެއްޓުމަށް އެންޑީއެމްއޭއިން ވަނީ އެދިފައެވެ.
މީގެއިތުރުން، ވިއްސާރައާ ގުޅިގެން ކުއްލި ހާލަތެއް ދިމާވެގެން އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ލަސްނުކޮށް 911 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


