ރާއްޖޭގެ ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން އިއްޔެ އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭގައި ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ، މި ހަތަރު ބޭފުޅުން އެ ކޯޓުތަކަށް އައްޔަނު ކުރެއްވިކަން އިއުލާނު ކުރައްވާފައެވެ. އަދި އެ ބޭފުޅުންނަށް ޖޭއެސްސީން ވަނީ މަރުހަބާ ވެސް ދަންނަވާފައެވެ.
މެޖިސްޓްރޭޓް ކަމަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
° ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ މަރިޔަމް ޢާސިރާ
° ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ޙުސައިން ރަމީޒު
° ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ފަތުޙުﷲ ޢަލީ
° ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ ދިޔާނާ މަޖީދު
ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ރަށްރަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަކީ ޝަރުޢީ ނިޒާމުގެ އެންމެ ތިރީ ގިންތީގެ ފުރަތަމަ މަރުޙަލާގެ ކޯޓުތަކެވެ. މި ކޯޓުތަކުން އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ޢާންމު ޝަރުޢީ މައްސަލަތަކާއި، ޢާއިލީ މައްސަލަތައް އަދި ކުދިކުދި ޖިނާއީ އަދި މަދަނީ މައްސަލަތައް ބަލައި ހިންގައެވެ.


