މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިންސްޕެކްޝަން ޓީމުތަކުން ހުޅުމާލޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެޗްޑީސީން ބުނީ ވިއްސާރައިގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ވާނަމަ، އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރު ނަންބަރު 1516 އަށް ގުޅައި އެންގުމަށް އެދޭ ކަމަށެވެ.
އަދި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގައި އެޗްޑީސީގެ ޓީމުތަކުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު، މާލެ ސަރަހައްދަށް މިރޭ ވަނީ އޮރެންޖު ސަމާލުވެސް ނެރެފައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން އަންނަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.



