ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތާ ގުޅިގެން ހުށަހަޅާފައިވާ ގިނަ ޝަކުވާތަކެއްގެ މައުލޫމާތު ސާފުކުރުމަށްޓަކައި، ނޭޝަނަލް ޕޭ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމަށް ބުދަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްފިއެވެ.
ޕޭ ކޮމިޝަންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ.
ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
މެމްބަރު ޝަމްހީދު މިފަދަ ހުށަހެޅުމެއް އެޖެންޑާ ކުރެއްވީ، އެކި މުއައްސަސާތަކުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ފަރާތުން މުސާރައިގެ އޮނިގަނޑާ މެދު ނުހަނު ގިނަ ކަންބޮޑުވުންތަކެއް މަޖިލީހާ ހިއްސާކޮށްފައިވާތީ، އެކަންކަމުގެ ޙަޤީޤަތް ބެލުމުގެ ބޭނުމުގައެވެ.
ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައު ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފަށާފައިވާއިރު، އެ ބަދަލާ އެކު އުފެދުނު މައްސަލަތައް ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އަދި އައު އޮނިގަނޑު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން އިސްލާޙުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.



