ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ބިނާވަނީ އެތަނެއްގައި ތިބި ފުލުހުންގެ އަދަދަށް ނޫން ކަމަށާއި ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީޕީ އަޙްމަދު މުޙައްމަދު މިހެން ވިދާޅުވީ ހދ. ކުމުންދޫގައި ބިނާކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސީޕީ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުންކަމަށެވެ. އަދި އެ ޚިދުމަތާ ގުޅޭ އޮފިސަރުންގެ އަދަދު އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްޤީއަށް ދެއްވާ ޚާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ޤާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، ރަށްރަށުގައި މީގެ ކުރިން ފުލުހުން ޚިދުމަތް ދެމުން ދިޔައީ ކައުންސިލް އިދާރާތަކާއި ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން ކަމަށާއި އޭގެ ސަބަބުން ދަތި އުނދަގޫތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު ފެށިފައިވަނީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއްކަމަށް ސީޕީ ވިދާޅުވިއެވެ.



