އަރުމީނިއާގެ އެއާލައިނެއް ކަމަށްވާ ޝިރަކް އަވިއާއިން އެ ޤައުމުގެ ވެރިރަށް ޔެރެވާނާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފިނި މޫސުމާ ދިމާކޮށް ފަށާ މި ދަތުރުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 14 އިން ފެށިގެން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.
ޝިރަކް އަވިއާއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއް ދުވަހުއެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެވެސް ހޮނިހިރު ދުވަހު މި ދަތުރުތައް ބާއްވާނީ ޔެރެވާނުން ފުރައިގެން އުމާނުގެ މަސްކަޓުގައި ޓެކްނިކަލް ސްޓޮޕެއް ކުރުމަށް ފަހު، ސީދާ ރާއްޖެއަށެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 737-800 މަރުކާގެ ބޯޓެވެ.
މި އަހަރުގެ ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް ގިނަ އެއާލައިންތަކަކުން ދަތުރުތައް އިތުރުކުރަމުންދާއިރު، އެއާޕޯޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް އެއާލައިންތަކަށް ޚިދުމަތް ދިނުމަށް ވީއައިއޭގެ ޓާމިނަލް 2 (ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް) ބޭނުންކުރުމަށް ނިންމައި، 10 އެއާލައިނެއްގެ ދަތުރުތައް އެ ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުންވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ލުއިފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށްވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.


