އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހާ، ދުއްވާ އެއްޗެއްސަށް ގެއްލުންދީ، ފިހާރަތައް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓު ހއ. ބާރަށް، ކުއްޅަވައްގޭ / އަލީ ޖުމާން (ޑެތު)ގެ ބަންދަށް ކްރިމިނަލް ކޯޓުން 12 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި އުމުރުން 25 އަހަރުގެ ޖުމަން ބަންދުގައި ބަހައްޓަން ނިންމީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، އޭނާގެ ”އެކްސް“ އެކައުންޓުން ކުރި ޕޯސްޓާ ގުޅޭ ރިޕޯޓުގެ އިތުރުން ހައްޔަރުކުރި ބަޔާނަށް ބަލާއިރު ތުހުމަތު ކުރެވޭ ކޮންމެވެސް ވަރެއްގެ ހެއްކެއް ކޯޓަށް ހުށަހަޅާފައިވާތީއެވެ.
އަދި ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ޖުމަން މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އޭނާ ގޮވާލާފައިވެއެވެ.
އޭނާއަކީ އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ.
ނަމަވެސް، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ފަހުން ނިންމިއެވެ.


