ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ ’ގްލޯބަލް ސުމޫދު ފްލޮޓިލާ’ގެ ބޯޓުތަކަށް ހުރަސްއަޅައި، އޭގެ ބައިވެރިންނަށް ގޯނާކޮށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ތުރުކީވިލާތުގެ ޖިނާއީ ކޯޓަކުން ފަށައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލިފައިވާ 35 ފަރާތުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ހިމެނެއެވެ.
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އިސްތަންބޫލްގެ ޖިނާއީ ކޯޓުން ވަނީ، އިސްރާއީލުގެ ބަންދުގައި ފްލޮޓިލާގެ ބައިވެރިންނަށް އިހާނެތިކޮށް ހިތުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތުރުކީވިލާތުގެ ރައްޔިތުން ދެނެގަނެ، އެކަން ތަހުގީގުކުރުމަށް ދައުލަތުގެ ވަކީލުންނަށް އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ފަރާތްތަކެއް ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުތަކާއި އިންޓަޕޯލް ރެޑް ނޯޓިސްތައް ދެމިއޮންނާނެ ކަމަށް ވެސް ކޯޓުން ކަނޑައެޅިއެވެ.
މި އަޑުއެހުމުގައި ހެކިބަސް ދިން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އިސްރާއީލު ސިފައިން ވަނީ ޣައްޒާއަށް ގެންދިޔަ ސިއްހީ ސާމާނުތައް އަތުލައިގަނެ، ބައިވެރިން ބަރަހަނާކޮށް ބަލައިފާސްކޮށްފައި ކަމަށެވެ. މީގެ އިތުރުން އިސްލާމްދީނަށާއި ތުރުކީވިލާތަށް ފުރައްސާރަކުރުމާއި، ނިދިޔަނުދީ ނަފްސާނީ އަނިޔާދީފައިވާ ކަމަށް ވެސް ހެކިން ފާހަގަކުރިއެވެ. މި މައްސަލައިގައި ވަކީލުން ވަނީ ޣައްޒާގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ ގިނަ ހެކިތަކެއް ވެސް ކޯޓަށް ހުށަހަޅައިފައެވެ.
ކޯޓުގެ ވަގުތީ ނިންމުމުގައި ވަނީ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް ސާފުކޮށް ބަޔާންކޮށް އައު ދައުވާއެއް އެކުލަވައިލުމަށް ދައުލަތުގެ ވަކީލުންނަށް އަންގާފައެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުގެ އެއްވެސް މުދަލެއް ތުރުކީވިލާތުގައި ހުރިތޯ ބެލުމަށާއި، ބައިނަލްއަގުވާމީ ކޯޓުތަކުގެ ލިޔެކިޔުންތައް ހޯދުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ދެވަނަ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ 30 މާރިޗު 2027 ގައެވެ.




