އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ކޭމްޕެއް ފުރިހަމަކުރުމަށްޓަކައި، ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ފަލަސްޠީނުގެ ޒުވާން ޓީމު މާލެ އައުމަށްފަހު މިހާރު ވަނީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކ. ގުރައިދޫއަށް ގޮސްފައެވެ.
މި ތަމްރީނު ކޭމްޕުގެ ތެރެއިން ފަލަސްޠީނު ޓީމާއި ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި، މި މެޗުތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މެޗު ތަޖުރިބާތަކެއް ހޯދައިދިނުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ކޭމްޕު ނިންމާލުމަށްފަހު ކޮލިފައިން މެޗުތަކަށް ފަލަސްޠީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ވެސް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުން ވަނީ ރާއްޖޭގައި ތަމްރީނު ކޭމްޕެއް ފުރިހަމަކޮށްފައެވެ.



