ހުޅުމާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ހަތަރު ތަނެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަންދުކޮށްފިއެވެ.
އެމްއެފްޑީއޭ އާއި އެޗްޑީސީ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަންތަން ހިންގާތޯ ބެލުމަށާއި، ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަތުމަށް ހިންގި ހަރަކާތެކެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގެ 26 ތަނެއް އިންސްޕެކްޓް ކުރިއިރު، ބަންދުކުރި ހަތަރު ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި ކުރަމުންދިޔަ ތަންތަން ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކަށް ހާއްސަ ”ސަރވެއިލަންސް އިންސްޕެކްޝަން“ ތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. އެމްއެފްޑީއޭގައި ދަފްތަރުކޮށްފައިވާ މިފަދަ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ މި އިންސްޕެކްޝަންތައް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 5އިން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެއެވެ.
މީގެ އިތުރުން، ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރި ގޮތުގައި ތަކެތި ތައްޔާރުކުރުމުގެ މައުލޫމާތު ދިނުމަށް ”އުފަކާރަ“ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ވެސް އެމްއެފްޑީއޭއިން މިހާރު ދަނީ ހިންގަމުންނެވެ.



