ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް މިއަދު ފަށައިފިއެވެ.
މި ފޯރަމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ފޯރަމްގައި 100 އަށްވުރެ ފަރާތުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނިން ހިމެނެއެވެ. މި ފޯރަމްގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭ 5 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއް ދުވަހުގެ މުއްދަތަކަށް ބާއްވާ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީއާއި ޗައިނާ އެމްބަސީ ގުޅިގެންނެވެ.
މި ފޯރަމުގެތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދުގެ ސަރުކާރުން މިހާތަނަށް 7 ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޤައުމުތަކަކީ ޗައިނާ، ޔޫއޭއީ، އިންޑިއާ މެލޭޝިއާ، ސިންގަޕޫރު، އިންގިރޭސިވިލާތް އަދި ޕާކިސްތާނެވެ.
މީގެ ތެރެއިން އިންޑިއާގެ 3 ސިޓީއެއްގައި ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް މައުލޫމާތު ހޯދާ ފަރާތްތަކާއި އިންވެސްޓްމެންޓުތައް ރެޖިސްޓަރ ކުރި ފަރާތްތައް އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރިއެވެ.



