ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
”ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް“ ގެ ތެރެއިން މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސްއެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެން ދާނެކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ. މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.
މިގޮތުން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާންއިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުސަތުތައް ހޯދުމަށެވެ. އަދި ފުރަތަމަ މަރުޙަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިޢާޔަތްކޮށް، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



