ހިންގުމުގެ ފައިދާގެ ގޮތުގައި، އެސްޓީއޯއަށް ތިންވަނަ ކުއާޓަރުގައި 400 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯ އިން މިކަން ހާމަކުރީ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް މި މަހުގެ 29 ވަނަ ދުވަހު ޝާއިޢުކުރި ރިޕޯޓުގައެވެ.
އެސްޓީއޯގެ 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ އާމްދަނީ އަކީ 6.48 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 7 އިންސައްތައިގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލާއިއެކު ތެލުގެ އަގު މި ކުއާޓަރގައި ދަށްވުމެވެ. ތެލުގެ އަގު ދަށްވި ނަމަވެސް، ތެޔޮ ވިކުނު އަދަދު ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލާއިރު އިތުރުވެފައެވެ. އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެ، މިދިޔަ ކުއާޓަރގައި ވަނީ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 738 މިލިއަން ރުފިޔާ ލިބިފައެވެ.
ނަމަވެސް ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 400 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 23 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ މެޑިކަލް ސެގްމަންޓްގެ ރިސްޓްރަކްޗަރ އާއި ގުޅިގެން ހަރަދު ކުޑަކުރެވުމާއި އަދި އެހެނިހެން ހަރަދުތައްވެސް ޖުމްލަކޮށް ކުޑަކުރެވިފައިވުމެވެ.
އެހެންކަމުން އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވި ނަމަވެސް އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރެވުމާއިއެކު ތިންވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ވަނީ 352 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 5 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 281 މިލިއަން ރުފިޔާ ލިބިފައެވެ.
މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، އެ ކުންފުނިން ވަނީ ނިހާޔަތައް ޝުކުރު ދަންނަވާފައެވެ.



