ގދ. ތިނަދޫ ސިޓީގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިން ހިންގާ އޮޕަރޭޝަނެއް ކަމަށާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މި މަހު މާލޭގައިވެސް މިފަދަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަނުގައި މާލޭގައި ގިނަ އަދަދަކަށް ބަނގުރާ ދައުރު ކުރާ ނެޓްވޯކެއް ވަނީ އަތުލައިގެންފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ޤާނޫނަށްވެސް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.




