ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ މުހިންމު ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން“ މި މަޢުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި ބުނިގޮތުގައި، އިންސާނީ މުޖުތަމަޢެއް ބިނާވަނީ ޢާއިލާތަކެއްގެ މައްޗަށް ކަމަށްވާއިރު، އެ ޢާއިލާތައް ހަރުދަނާ ނުކުރެވި ހަރުދަނާ މުޖުތަމަޢެއް ޤާއިމެއް ނުކުރެވޭނެއެވެ.
އަދި މިއަދު މުޖުތަމަޢުގައި އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވެ، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ މައިގަނޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ޚުޠުބާގައި ބުނީ، ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ ލިބޭ ތަރުބިޔަތާއި ބޮޑުވާ މާޙައުލުން ކަމަށެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން ކުދިން ބޮޑެތިކުރާއިރު ދީނީ ކަންކަން އުނގަންނައިދިނުމުގެ އިތުރުން، މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަން ބުނެދީ ރަޙިމުގެ ގުޅުން ބަދަހިކުރަން ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފާހަގަކުރިއެވެ.
މީގެއިތުރުން، އިސްލާމްދީނުގައި ރަޙިމުގެ ގުޅުމަށް ދީފައިވާ މަތިވެރި ދަރަޖަ ބަޔާންކުރަމުން، އެ ގުޅުން ދެމެހެއްޓުމަކީ ﷲ ތަޢާލާގެ ޙަޟުރަތުން ގުޅުން ޤާއިމުކުރައްވާނެ ކަމެއް ކަމަށާއި، އެ ގުޅުން ކަނޑައިލުމަކީ ސުވަރުގެއިން މަޙްރޫމުވެދާނެ ބޮޑު ފާފައެއް ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލު ދައްކަވައި ޚުޠުބާގައި ހަނދާންކޮށްދިނެވެ. ހަމައެއާއެކު، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ ހަމައެކަނި އަނެކާ ހެޔޮކޮށް ހިތުމުން ބަދަލުދޭ މީހާ ނޫން ކަމަށާއި، އެއީ ގުޅުން ކެނޑިގެންދާ ހިނދުގައިވެސް އެ ގުޅުން ދަމަހައްޓާ މީހާ ކަމަށް ބުންޏެވެ.
ޚުޠުބާ ނިންމާލަމުން، ޢާއިލާގެ ތެރޭގައި ދެމަފިރިންގެ އެންމެ އިސް ވާޖިބަކީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވެ، ދަރިންނަށް ރިވެތި ނަމޫނާއެއް ދެއްކުން ކަމުގައި ބަޔާންކުރިއެވެ. އަދި ދަރިންނަށް މާއްދީ ތަނަވަސްކަން ހޯދައިދިނުމުގެ އިތުރުން އިސްލާމީ އަދަބުތަކަށް އަހުލުވެރިކުރުވައި، ޅަފަތުގައި ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މައްޗަށް އޮތް ލާޒިމު ވާޖިބެއް ކަމުގައި ހުތުބާގައި ނަޞޭޙަތްތެރިވިއެވެ.



