ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ދައުވާ ސާބިތުވި މީހަކު 24 އަހަރަށް ޖަލަށްލާން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ޝަޔާލް ބިން ރިޟްވާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރީ، މިދިޔަ އަހަރުގެ އޭޕްރިލް 26ގައި، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް އޮފިސަރުންތަކެއް ގޮސް ބެލިބެލުމުން މަސްތުވާތަކެތި ފެނުމުންނެވެ.
އެގޮތުން، ޝަޔާލްގެ އަތުގައި އޮތް ތަޅުދަނޑިއަކުން ސައިކަލެއްގެ މަޑިދަށް ހުޅުވައި، މަޑިދަށުގައި އޮތް ފޮތި ކޮތަޅެއް ހާވަނިކޮށް ފުލުހުންނަށް އެތަކެތި ފެނުނު ކަމަށް ހުކުމުގައިވެއެވެ.
ފުލުހުން ސައިކަލުގެ މަޑިދަށް ބެލިއިރު، ފޮތި ކޮތަޅެއްގެ ތެރެއިން ރަބަރު ޕެކެޓުތަކުން ޖުމުލަ 30 ގުރާމުގެ ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަހުލީލުން ދެއްކި ކަމަށް ހުކުމުގައިވެއެވެ. އެ މަޑިދަށުން ރަބަރު ޕެކެޓާއި ކައްޓާ ފަދަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ފަދަ ތަކެތި ވެސް ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.
އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ޝަޔާލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި މަސްތުވާތަކެތި ފެނުނު ސައިކަލަކީ އޭނާގެ ސައިކަލެއް ނޫން ކަމަށާއި އެ ސައިކަލުގެ ތަޅުދަނޑިއަކީ ވެސް އޭނާގެ އެއްޗެއް ނޫން ކަމަށް ބުންޏެވެ.
ޝަޔާލް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ޕްރޮސިކިއުޝަނުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށް މި މައްސަލައިގެ ހުކުމުގައިވެއެވެ.
އެހެންވެ، އޭނާ 24 އަހަރާއި 11 މަހަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.



