ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 10:00 ގައި ފަށައިފިއެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުން ނިމޭނީ މިއަދު ހަވީރު 4:00 ގައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އަންހެނުންގެ ކޮމިޓީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެކެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ މަންދޫބަކަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި އެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ކުރިއަށް ދަނީ ބާކީ ދެ މަގާމަށް މެންބަރުން ހޮވުމުގެ ވޯޓުލުމެވެ.
މި އިންތިޚާބުގައި، މާލޭގައި ހުންނަ އެލްޖީއޭ އޮފީހާއި އަތޮޅުތަކުގެ ސަރުކާރު ޚިދުމާތު މަރުކަޒުތަކުގެ އިތުރުން ހުޅުދޫ އިޖުތިމާއީ މަރުކަޒު ހިމެނޭހެން ޖުމްލަ 19 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާއިރު ކިޔޫގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ މީޑިއާއިން އެލްޖީއޭއާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 625 ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ 182 ރައީސުންނެވެ.



