މާރާމާރީ ހިންގުމާއި ބިރުދެއްކުން ހިމެނޭހެން ހަތަރު ތުހުމަތެއްގައި ހައްޔަރުކުރި ޒުވާނަކު، އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ފުރަތަމަ ކުށަށްވާތީ ޝަރުރު ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ދޫކޮށްލާފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ، މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖިނާއީ މަޖުބޫރުކުރުވުމާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.
އޭނާ ބަންދުން ދޫކޮށްލީ އެއީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ފުރަތަމަ ކުށަށް ވެފައި، ބަންދު ލޮގުގެ ވެސް ފުރަތަމަ މައްސަލައަށް ވާތީ ކަމުގައި ކޯޓުން ބުނެފައިވެއެވެ. އަދި، އެ ޒުވާނާ ކޯޓުން ދޫކޮށްލާފައި ވަނީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހުގައެވެ.
މި މައްސަލައިގައި އެ ޒުވާނާ ބަންދުން ދޫކޮށްލީ، ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ. އެގޮތުން އޭނާގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓުތައް ހިފަހައްޓާފައިވާއިރު، ރަށުން ބޭރަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ.


