މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.
މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި މެދުއިރުމަތީގައި ހިނގަމުންދިޔަ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، މިހާރު އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މައްޗަށް ދާން ފަށާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194,039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އައި 192,398 ފަތުރުވެރިންނާ އަޅާބަލާއިރު %0.9 ގެ ކުރިއެރުމެކެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1,797,060 އަށް އަރާފައެވެ.
އަދި މިހާރު އެވްރެޖުކޮށް ކޮންމެ ދުވަހަކު 6,000 އެއްހައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
އަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 331,817 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން 256,822 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 135,897 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން ޖަރުމަނުވިލާތުން 119,589 ފަތުރުވެރިން އަދި އިޓަލީވިލާތުން 105,485 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ %74 އެވެ.
އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.6 ފަތުރުވެރިންނެވެ.


