ހޯމް ސްކޫލިންއަކީ، ސްކޫލެއްގައި ރަޖިސްޓްރީނުކޮށް ދޫކޮށްލާ ގޮތަށް ތައާރަފްކުރާ އުސޫލެއް ނޫން ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް މިއަދު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަމެއް ނުވަަތަ ހާއްސަ ހާލަތެއްގެ ސަަބަބުން ސްކޫލަށް ހާޒިރުވާން އުޒުރުވެރިވާ ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭން ހޯމް-ސްކޫލިން ތައަރަފްކުރުން ހިމެނޭހެން ބައެއް ބަދަލުތައް ގެންނަން ތައުލީމުގެ ގާނޫނަށް ސަަރުކާރުން ހުުށަހަޅާފައިވާ ބިލަށް ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ޗެއާޕަރސަން މުހައްމަދު ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެގޮތުން އެއީ ”ޖާރިޔާ ބިލް“ އެއްގެ ގޮތުގައިވެސް ނަޝީދު ސިފަކުރައްވާފައިވެއެވެ. އަދި އެއީ އަންހެން ކުދިން ސްކޫލަށް ނުފޮނުވުމުގެ ”ހީލަތްތެރި ވިސްނުމެއް“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެ ތުހުމަތުތަކަށް ރައްދު ދެއްވައި ހުސްނީ މިއަދު ވިދާޅުވީ ހޯމްސްކޫލީންގެ މާނައަކީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް، ނިޒާމުގެ ތެރެއިން ނުބެލެހެއްޓޭ ގޮތަށް ކުދިން ދޫކޮށްލުން ނޫން ކަމަށާއި ބިލުގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ސްކޫލެއްގެ ބެލުމުގެ ދަށުން ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދޭނެ އުސޫލުތައް، ކުރީގެ ސަރުކާރުން ވެސް ގަވައިދެއްގެ ގޮތުގައި ގެޒެޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި ބިލު ހުށަހެޅީ ޖާރިޔާއިންނަށް ފުރުސަތު ފަހިކުރުމަށޭ، މިއީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފުވާ ގޮތަށް އަންހެންދަރިން ތައުލީމުން މަހުރޫމްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ތަސައްވަރުކޮށްދޭން މަސައްކަތްކުރާ ކުރުން އަޅުގަނޑު ހަމަ ކުށްވެރިކުރަން.“ މެންބަރު ހުސްނީ ވިދާޅުވިއެވެ.




