ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް، ތަޢުލީމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފިއެވެ.
ހޯމް ސްކޫލިނގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ.
އެގޮތުން މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެއް ކަމުގައި އެދުވަހު ވިދާޅުވެފައިވެއެވެ. އަދި މި ބިލުގައި ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެކަމަށް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
މި ބިލަށް ބަހުސްކުރެއްވި ސަރުކަރު މެމްބަރުންވަނީ މި ބިލަކީ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެއްކަމަށެވެ. މެމްބަރުން ވަނީ މިއީދަރިވަރުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ބިލެއްކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން މި ބިލާމެދު އިދިކޮޅު ފަރާތްތަކުން ނުރަނގަޅު ތަޞައްވުރެއް އުފައްދަމުންދާތީ އެކަމާ މެދު މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ބިލަކަށް ބަޙުސްކުރާ އިރު ހަޤީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށް ވެސް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.
ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒު ކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލު ކުރުމަށް ހިމަނާފައިވެއެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަކީ، ބިލުގެ މަޤުސަދެކެވެ.



