ބޭސް ނުލިބުމުގެ މައްސަލައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވަނީ އީޖާބީ ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ އިތުބާރު ހޯއްދަވާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވީ ސަރުކާރުގެ ބޭސް ފިހާރަ، ސްޓޭޓް ފާމާއިން، މިއަދުވެސް ހޯދަން އުޅުނު އެންމެ ބޭހެއްވެސް ނުލިބުނު ކަމަށާއި ބޭސް ބަދަލުކުރުމަށް އެހެން ބޭސް ފިހާރަތަކުގައި އުމުރުން ދުވަސްވީ މީހުން އުޅެމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ”އެކްސް“ ގައި ކުރައްވާފައިވާ ޝަކުވާއަކަށް ރައްދު ދެއްވަމުންނެވެ.
ރުކުމާ ވިދާޅުވީ، ބޭސް ނުލިބުމުގެ މައްސަލައަށް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އީޖާބީ ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ އިތުބާރު ހޯއްދަވާފައި ކަމަށެވެ.
އެގޮތުން ބޭހެއް ނުލިބިއްޖެނަމަ ސްޓޭޓް ފާމާ 1505 ހޮޓްލައިނަށް ގުޅާލުމަށާއި ނުލިބުނު ބޭސް އެއްވެސް ބޭސްފިހާރައަކުން އާސަންދަ މެދުވެރިކޮށް ލިބެންޏާ އެ ބޭސްފިހާރަތަކުގެ ނަން ދޭނެ ކަމުގައި ރުކުމާ ވިދާޅުވިއެވެ.
މީގެއިތުރުން ނުލިބޭ ބޭސް ސްޓޭޓް ފާމާ މެދުވެެރިކޮށް ގެނެސްދޭނެ ކަމަށާއި އާސަންދަ ލިބޭ ބޭސްފިހާރަތަކުން ހުސްނުކޮށް ހިފަހައްޓަންޖެހޭ ބޭސް ލިސްޓެއް ފާމަސީތަކަށް ދީފައިވާކަން ވެސް ރުކުމާ ފާހަގަކުރެއްވިއެވެ.
”މޯލްޑިވްސް 2.0 ގެ މަލަމަތި ފެންނަން ފަށައިފި“ ރުކުމާ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން އާސަންދައިން ބުނީ، އޭޑީއެލްގައި ހިމެނޭ އާސަންދަ ސްކީމުން ކަވަރުކުރާ ހުރިހާ ބޭހެއް ސްކީމުން ކަވަރު ކޮށްދޭނެ ކަމަށެވެ. އަދި ފާމަސީތަކުން ޖެހޭނީ، އެމީހުންގެ ލިސްޓަށް ސްކީމުން ދޫކުރާ ބޭސްތައްލާން ކަމުގައި ވެސް އާސަންދައިން ބުންޏެވެ.
މީގެއިތުރުން، ކޮންމެހެން ބޭނުންވާ ބޭސް ލިސްޓުގައި ހުންނަ ހުރިހާ ބޭހެއް ފާމަސީތަކުގައި ބަހައްޓަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާކަމަށް ވެސް އާސަންދައިން ބުންޏެވެ.


