ކުލި ނުދައްކާ ދިގު މުއްދަތެއް ވެފައިވާތީ، ހުޅުމާލޭގައި ހިންގަމުން އަންނަ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަންދުކޮށްފިއެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އަނބުރާ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީއަށް އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ފިޔަވަޅު އަޅާފައިވަނީ ކުލި ނުދައްކާތީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަދި އެފަދަ ނިންމުމެއް ނިންމަނީ އާންމުންނަށް ޚިދުމަތްދޭން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.




