ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ނަސްރުގެ ހަނދާނީ ބިނާ ޞަރަޙައްދުގައި މިއަދު ހެނދުނު 06:00 ގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު އާއި ސިފައިންގެ އިސްވެރިންނެވެ.
މި ދުވަހުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އުތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދާއި، ވަޒީރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ބޭކަލުން ބައިވެރިވެވަޑައިގެންނެވިއެެވެ.

މި ރަސްމިއްޔާތު ފެށުނީ ރަސްމިއްޔާތު ފެށުމުގެ އިޒުނަ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވުމާއެކުއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި 8 ދިދަ ޖަހާފައިވާއިރު، މި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާއި ދީނާއި ޤައުމު ދިފާޢުކުރުމަށް ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ.
މި ރަސްމިއްޔާތުގައިވަނީ ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. އަދި 7 ބަޑީގެ ސަލާމެއްވެސްވަނީ އަރުވާފައެވެ. ރަސްމިއްޔާތު ނިންމާލީ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.
މިރަސްމިއްޔާތަށްފަހު ރައީސް މުޢިއްޒުވަނީ ސިފައިންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރކުރައްވާފައިވާ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންނާ ސަލާމްކުރައްވާފައެވެ.




