ކަޅުތުއްކަލާކޮށީގެ 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
މިއިމާރާތަކީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ ތަރައްޤީއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އުމްރާނީ ބިނާ އެވެ.
މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިމަޝްރޫޢުގެ އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ފާޠިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މރ. ޖޯ ވޭދޯންއެވެ.
މިއީ ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.



