ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރު އަނެއްކާވެސް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަފުތާގައި ސްކޭމްގެ 32 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު 17 މައްސަލައަކާއެކު އޭގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ.
އެހެންކަމުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާތީ ސަމާލުވުމަށާއި ފައިސާ މާރުކުރާ ރޭޓް އާދަޔާ ހިލާފަށް ރަނގަޅު ނަމަ އެއީ ސްކޭމަކަށް ވެދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފައިސާ ޖަމާކުރުމުގެ ކުރިން މާރުކުރާފަރާތުގެ ފައިސާ ލިބިއްޖެތޯ ޔަގީންކުރުމަށާއި ކާކުކަން ކަށަވަރުނުވާ ނަމަ ފައިސާ ނުފޮނުވުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ރިޕޯޓުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ޖުމްލަ އަދަދަކީ 32 އެކެވެ. އެ މައްސަލަތަކުގައި 737،695ރ. ގެއްލިފައިވާއިރު އަނބުރާ ހޯދުނީ 144،558ރ. އެވެ.
ފައިސާ މާރުކުރުމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީކޮމާސްއާ ގުޅޭ ސްކޭމް މައްސަލަތަކެެވެ. އެފަދަ ހަ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އަދި އިންވެސްޓްމަންޓާ ގުޅޭ ހަތަރު މައްސަލައެއްގެ އިތުރުން އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ މައްސަލައަކާއި އެހެނިހެން ބާވަތްތަކުގެ ހަތަރު މައްސަލައެއް ވެސް ހިމެނެއެވެ.



