ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވި މަގުސަދު ވަރަށް ފުރިހަމައަށް ހާސިލުވެއްޖެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ ކާމިޔާބީ ހިއްސާކުރައްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
މި މައުރަޒަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤުޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ. މިއީ، އުފެއްދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު މައުރަޒެވެ.
މި މައުރަޒުގެ ކާމިޔާބީ އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ މައުރަޒު ބައްލަވައިލެއްވި ބޭފުޅުންނަށްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، މައުރަޒުން ފެނުނީ ވަރަށް ފުޅާދާއިރާއެއްގައި ދިވެހިންގެ ބަޔަކު ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވި މިމައުރަޒުން ގިނަ ބައެއްގެ އުންމީދާއި ޚިޔާލު އަދި ފިކުރު ބޭނުން ކޮށްގެން، ވަރަށް ބިނާކުރަނިވި އުފެއްދުންތެރި މަސައްކަތްތަކެއް ދައްކުވައިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”މައުރަޒަށް އެއްޗެއް ދަންނަވާކަމުގައިވަންޏާ މައުރަޒު ވަރަށް ކާމިޔާބު. އަޅުގަނޑުމެންނަށް ވަރަށް ގިނަ ރިކުއެސްޓުތައްވެސް އައި މުއްދަތު އިތުރު ކޮށްދިނުމަށާއި، އިތުރު ދުވަސް މިކަމުގައި ހޭދަކޮށްދިނުމަަށް. މާނައަކީ މިތަނުން މިކަން ހުއްޓާނުލަން. އެހެންނަމަވެސް ކޮންމެވެސް މުއްދަތަކަށް މިކަންވެސް ބޭއްވޭނީ. މި ހުރިހާ ކަމަކުން މި އެނގިގެންދަނީ މީގެ ކާމިޔާބީ.“ މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.




