ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 62 ކުންފުންޏެއްގެ ބައިވެރިވުމާއެކު، އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2026 ފަށައިފިއެވެ.
މިއީ މިއަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ބައިވެރިވާ މިފަދަ ބޮޑެތި ފެއާތަކުގެ ތެރެއިން އެންމެ ފަހު ފެއާއެވެ.
އެކްސެލް ލަންޑަންގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ހުޅުވުމުގެ ގޮތުން، ދަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރުގެ އިތުރުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ވަނީ ސްޓޭންޑް ބައްލަވާލައްވައި، ވިޔަފާރިތައް ތަމްސީލުކުރާ މަންދޫބުންނާ ބައްދަލުކުރައްވާފައެވެ.
ވޯލްޑް ޓްރެވަލް މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ބައިނަލްއަޤްވާމީ މައުރަޒުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މާކެޓުގެ 57 އިންސައްތަ ޙިއްސާކުރަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. މިއަހަރުގެ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ޖުމްލަ 161 މަންދޫބުން ހިމެނޭއިރު، އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 62 ކުންފުންޏަކުން ބައިވެރިވި 136 މަންދޫބުން ހިމެނެއެވެ.
މި ފެއާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ ގަންނަ ފަރާތްތަކާ ބައްދަލުކުރުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ދައްކާލުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި ބައިވެރިވާ ދިވެހި ވިޔަފާރިތައް މެދުވެރިކޮށް، އެ ވިޔަފާރިތައް އިޝްތިހާރުކޮށް އާ މާކެޓްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މީގެ އިތުރުން، އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްޞަދުގައި ގުޅިގެން މާކެޓިންގ ހަރަކާތްތައް ހިންގުމަށާއި، ރާއްޖެ ޕްރޮމޯޓްކުރުމަށް ޕާޓްނަޝިޕްތައް ޤާއިމުކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ އިތުރުން މީޑިއާ އިދާރާތަކާއެކު ވިޒިޓް މޯލްޑިވްސްއިން މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
2027 ވަނަ އަހަރަކީ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމުގެ ޚާއްސަ އަހަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަހަރެކެވެ. މިއަހަރުގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހު އިފްތިތާޙުކުރި ”ވިޒިޓް މޯލްޑިވްސް އިޔާ 2027“ ސިޔާސަތު، މި ފެއާގެ ތެރެއިން ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް ރަސްމީކޮށް ހާމަކުރުމަށް ވަނީ ނިންމާފައެވެ.
އަދި މި މައުރަޒުގެ ތެރޭގައި ”ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް“ ގެ 2027 ވަނަ އަހަރުގެ އެޑިޝަން ވެސް ތަޢާރަފްކުރެވޭނެއެވެ.



