މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ”ހެލްތު އެކްސްޕޯ 2026“ ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބައިވެރިވެއްޖެއެވެ.
ސެންޓްރަލް ޕާކުގައި ގާއިމުކުރެވިފައިވާ އެޗްޑީސީގެ ޚާއްސަ ސްޓޯލުން އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު)ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެއެވެ.
އެޗްޑީސީގެ ސްޓޯލުން އެންމެ ޚާއްސަ އިސްކަމެއްދޭނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމެވެ. އަދި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގަން ހަމަޖެހިފައިވާ ”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމަށެވެ. މި ޕްރޮގްރާމްގެ އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރަން ހިތްވަރުދިނުމެވެ.
މިއަދު ހަވީރު 5:00 ގައި ފެށި މި އެކްސްޕޯގެ ތެރެއިން ”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމްގައި ރަޖިސްޓްރީވެވޭނެއެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެއެވެ.
”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 16 ގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
އެޗްޑީސީގެ އަމާޒަކީ، ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހީންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް، އަވައްޓެރިންނާއި އިސްރަށްވެހީންގެ އެކަނިވެރިކަން ކުޑަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމެވެ.
ހެލްތު އެކްސްޕޯ 2026 ކުރިއަށްދާ މުއްދަތުގައި ސެންޓްރަލް ޕާކުގައިވާ އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރައްވައި، ”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމާއި އެޗްޑީސީގެ އިޖުތިމާއީ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެންމެހައި ފަރާތްތަކަށް އެ ކޯޕަރޭޝަނުން ދައުވަތު ދެއެވެ.



