ސިއްހީ ދާއިރާގެ ޚިދުމަތްތައް ފޯރުކޮށްދޭ ގިނަ ކުންފުނިތަކެއްގެ މަސައްކަތް ފެންނަ ”ހެލްތު އެންޑް ފެމެލީ އެކްސްޕޯ 2026“ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހެލްތު މިނިސްޓްރީއިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ހެލްތު އެކްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މި އެކްސްޕޯގެ ޝިއާރަކީ ”ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި“ އެވެ.
މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. މި އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ސިއްހީ ދާއިރާގެ 156 މަސައްކަތްތަކާ ގުޅޭ ފޮތެއް ވެސް ނެރެދެއްވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
މިއަދު ހުޅުވި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި ކްލިނިކުތަކުގެ އިތުރުން އެންޖީއޯތަކާއި އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކާއެކު 60 އަށްވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ.
މި އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.




