އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވައިފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޞިއްޙަތަށް ފަރުވާތެރިވުން“ މި މަޢުޟޫޢަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުޠުބާގައި ބަޔާންކޮށްފައިވަނީ، ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވާފައިވާ އަގުހުރި ނިޢުމަތެއް ކަމަށާއި އެ ނިޢުމަތަށް ފުރިހަމައަށް ރައްކާތެރިވާންޖެހޭ ކަމަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އަދި އަމިއްލަ ނަފުސު ޤަތުލުނުކުރުމަށް އަންގަވައި ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ އާޔަތުގެ މައްޗަށް އަލިއަޅުވައިލަމުން، ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު އެއަށް ރައްކާތެރިވުމުގެ ޒިންމާ އިންސާނާއާ މާތް ﷲ ޙަވާލުކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އުމުރުން ދުވަސްވެ ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެ ދުވަހެއް އަންނާނެ ކަމަށެވެ. އަދި ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު މުއުމިނު އަޅާ ވާންޖެހޭނީ ކެތްތެރިކަމާއެކު މާތް ﷲއާ އޮންނަ ގުޅުން ދަމަހައްޓާ މީހަކަށް ކަމަށާއި، ބަލިމަޑުކަމާއި މުޞީބާތްތަކަކީ އީމާންކަމުގެ އިމްތިޙާނެއް ކަމުގައި ބަޔާންކުރިއެވެ.
މީގެއިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ބަލިތަކުން ދުރުވެހުރުން ނޫން ކަމަށާއި، އެއީ މާތް ﷲއަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުކުރުމަށް ދެއްވާފައިވާ ފުރުޞަތެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގައިފައި ދިޔުމާއި، މައިންބަފައިންނަށް ޚިދުމަތްކުރުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތްތަކަކީ މާދަމާ ގެއްލިގެން ހިނގައިދާނެ އަގުހުރި ފުރުޞަތުތަކެއްކަން ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމައިލަމުން ވަނީ ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތެއްގެ ގޮތުގައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ޞިއްޙަތާއި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަޞޭޙަތްތެރިވެފައެވެ.
އަދި އަތުގައިވާ އަގުހުރި ރައުސްމާލެއް ފަދަ މި ނިޢުމަތްތައް ބީވެގެން ދިޔުމުގެ ކުރިން އޭގެ ޙަޤީޤީ އަގު ވަޒަންކޮށް، ޝުކުރުވެރިވުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ގޮވައިލިއެވެ.


