އެމެރިކާގައި މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 5،000 އިން މައްޗަށް އަރާފައިވާކަމަށް އެ ޤައުމުގެ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އެމެރިކާގައި މި އަހަރުގެ މިހާތަނަށް ހިމަބިހި ނުވަތަ މީސަލްސް ޖެހުނު މީހުންގެ އަދަދު ވަނީ 5،182 އަށް އަރާފައެވެ. މިއީ ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ޤައުމުން މި ބަލި މިހާ ގިނަ އަދަދަކަށް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރު ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ހާމަކޮށްފައިވެއެވެ.
ސީޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބަލިޖެހުނު މީހުންގެ 96 އިންސައްތައަކީ ވެކްސިން ފުރިހަމަނުކުރާ ނުވަތަ އެއްވެސް ވަރަކަށް ވެކްސިން ޖަހާފައިނުވާ މީހުންނެވެ.
އޭގެ ސަބަބުން މުޅި އެމެރިކާގެ ހާލަތު ގޯސްވަމުންދާއިރު، އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޕެންސިލްވޭނިއާ ސްޓޭޓަށެވެ. އެ ސްޓޭޓުން އެކަނިވެސް 1،487 ކޭސް ފެނިފައިވާއިރު، 287 މީހަކަށް ވަނީ ހަސްފަތާލުގައި ބާއްވައިގެން ފަރުވާދީފައެވެ.
މީގެއިތުރުން ވިސްކޮންސިން އަދި ނިއުޔޯކް ފަދަ ސްޓޭޓްތަކުން މި ބަލީގައި މީހުން މަރުވެފައިވާކަން ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
އެމެރިކާގައި މި އަހަރު އެ ބަލިޖެހުނު މީހުންގެ ތެރެއިން 562 މީހަކަށް ހަސްފަތާލުގައި ބާއްވައިގެން ފަރުވާދޭން ޖެހުނެވެ. މިއީ ޖުމްލަ ކޭސްތަކުގެ 11 އިންސައްތައެވެ. އަދި އުމުރުފުރާ ތަކަށް ބަލާއިރު، 20 އަހަރުން މަތީގެ 2،132 މީހުންނާއި، 5 އަހަރާއި 19 އަހަރާ ދެމެދުގެ 2،104 ކުދިން އަދި 5 އަހަރުން ދަށުގެ 908 ކުޑަކުދިންނަށް ވެސް މި ބަލި ޖެހިފައިވެއެވެ.




