މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފިންލިޓް ފެސްޓް ބަހުސް މުބާރާތް އިއްޔެ ފަށައިފިއެވެ.
މުޅިއަކު 6 ބުރު ހިމެނޭހެން ކުރިއަށް ގެންދިޔަ މި މިބުރާތުގައި ހަތަރު ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ ސީއެޗްއެސްއީ ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން ބައިވެރިވި ޓީމްތަކެވެ. މި މުބާރާތުގެ ފައިނަލަށް ހޮވިފައިވަނީ އަހްމަދިއްޔާ އާއި ސީއެޗްއެސްއީ ހުޅުމާލެގެ ޓީމެވެ.
އިގްތިސާދީ އެކިއެކި މައުޟޫތަކާއި ސޯޝިއޯއިކޮނޮމިކް ނުވަތަ އިޖްތިމާއީ އިގްތިސާދީ މައުޟޫތަކަށް އިއްޔެގެ ބަހުސްގައި ބައިވެރިން ވަނީ ވާހަކަ ދައްކައިފައެވެ.

އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތަކީ 2025ގައި އެ އޮތޯރިޓީން ފަށާފައިވާ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތް ”އެމްއެމްއޭ ފިންލިޓް ފެސްޓް“ގެ ތެރެއިން ގެންދެވޭ މި ފަދަ ދެވަނަ މުބާރާތެވެ.
މި މުބާރާތުގެ މަގުސަދަކީ ޒުވާނުންނާއި ދަރިވަރުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ މައްސަލަތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެ ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދިނުމުގެ އިތުރުން ވާހަކަދެއްކުމުގެ ހުނަރު ތަރައްގީ ކުރުން ކަމުގައި އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ބަހުސް މުބާރާތުގައި ފައިނަލް އޮންނާނީ 10 ނޮވެންބަރު ވާ އަންގާރަ ދުވަހުއެވެ.



