މި މަހުގެ ނިޔަލަށް ބޭހުގެ ބޮޑު އިންސައްތައެއް ރާއްޖެ ގެނެސް ގުދަން ކުރެވޭނެ ކަމަށް ޤައުމީ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އެ ކުންފުނީގެ ވެއާހައުސްގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ހަރަކާތުގައެވެ.
އެ ހަރަކާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަޙްމަދު ޢިމާދު ވިދާޅުވީ، އެސްޓީއޯއިން ދެމުންދިޔަ ބޭހުގެ ޚިދުމަތްތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުވުމާއެކު އެންމެ ބޮޑު އިސްކަމެއް ދިނީ އެއްވެސް ބުރޫއެރުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެގޮތުން މިހާރު ހުރި ސްޓޮކް ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އަސާސީ ބޭސްތައް ހަމަކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އަޙްމަދު ޢިމާދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުންދާ 195 ފާމަސީއަށް ބޭނުންވާ ބޭސް އެކި ގޮންޖެހުންތަކާއެކުވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޢިމާދު ވިދާޅުވީ، ފަސޭހަކަމާއެކު ރަށްރަށަށް ބޭސް ފޮނުވުމަށްޓަކައި ބޭނުންވާ ވެހިކަލްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ބޭހުގެ އޯޑަރުތައް އަވަސްކުރުމުގެ ބޭނުމުގައި ހުޅުމާލޭ ވެއާހައުސްގެ ޚިދުމަތް މިހާރު ރޭގަނޑު 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށްވެސް އަޙްމަދު ޢިމާދު ވިދާޅުވިއެވެ.
ލޮޖިސްޓިކްސްގެ ދާއިރާއިން ގެންނަން ނިންމާފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޢިމާދު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ 5 ރީޖަނެއްގައި ސްޓޭޓް ފާމާގެ ވެއާހައުސްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
”ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކައިރި މުސްތަޤުބަލެއްގައި އަޅުގަނޑުމެން ޔަގީންކަން އަރުވަން މިހާރު ދިމާވެގެން އުޅޭ ބޭހުގެ މައްސަލަ ހައްލުވާނެ. ރޭވިފައި އެބައިން އަަންނަ އަހަރު ރާއްޖޭގެ 5 ރީޖަންގައި ގުދަންކުރަން. މިވަގުތު މިތަނުގެ އިތުރުން އަދި އިތުރު ވެއަރ ހައުސްއެއް އިންނާނެ ކޮންސިއުމަރ ސަޕޯޓަށް އެބައި މެނޭޖުކުރަނީ. މި އަންނަ އަހަރު 5 ތަނުގައި ޤާއިމްވީމައި ރާއްޖޭގައި ލޮޖިސްޓިކް ވައިސްކޮށް ބޭސް ފޮނުވަން ފަސޭހަވާނެ،“ ޢިމާދު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖަޢާކޮށް އެއަށް ޢަމަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މިދިޔަ ޖުލައި މަހު އަންގާފައެވެ. އެ އުސޫލުގެ ދަށުން ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ހުންނަންޖެހެއެވެ.
މި ބަދަލާއެކު މިހާރު ހިންގަމުންދާ ހުރިހާ ފާމަސީތަކުންވެސް ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމު އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަޖައްސަންޖެހޭނެއެވެ.
އަދި އަލަށް ހުޅުވާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީވެސް ކަނޑައެޅިފައިވާ އަސާސީ ބޭސްތައް ހަމަކުރުމުން ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.


