މުއާސަލާތީ ނިޒާމަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން، އެމެރިކާގެ ހުރިހާ އެއާޕޯޓްތަކެއްގައި ފްލައިޓްތައް ހުއްޓުމަކަށް އިއްޔެ ގެނެސްފިއެވެ.
މިކަމުގެ ސަބަބުން އެމެރިކާގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ވަރަށް ބޮޑު ހާސްކަމަކާ ކުރިމަތިވެފައެވެ.
މުޅި ގައުމުގެ ވައިގެ ދަތުރުތައް ހުއްޓުވުމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ނެރުނު އަމުރާ ގުޅިގެން އެތައް ހާސް ފަސިންޖަރުންނެއް ވަނީ އެއާޕޯޓްތަކުގައި ތާށިވެފައެވެ. އަދި ބައެއް ފްލައިޓްތައް ފުރަން ތައްޔާރުވެފައި ވަނިކޮށް، ވާނުވާ ނޭނގޭ ހާލަތެއްގައި އެއާލައިންތަކުގެ މުވައްޒަފުން ވަނީ ފަސިންޖަރުން ބޯޓުން ބާލައިފައެވެ.
ރިޕޯޓުތަކުން ހާމަވާ ގޮތުގައި މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، އެމެރިކާގެ ވައިގެ ސަރަހައްދުގައި މިފަދަ އިންޒާރެއް ދީ، މުޅި ގައުމުގެ ފްލައިޓްތައް ހުއްޓުވި ދެވަނަ ފަހަރެވެ. އޭގެފަހުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕައިލެޓުންނަށް މައުލޫމާތު ދޭ ނިޒާމަކަށް މައްސަލަ ޖެހިގެން ކުޑަ ވަގުތުކޮޅަކަށް ދަތުރުތައް ހުއްޓުވިއެވެ.
އެފްއޭއޭ އިން ބުނީ އެއާ ރޫޓް ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކަށް ދިމާވި މުއާސަލާތީ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ އެއާޕޯޓްތަކެއްގެ އުދުހުންތައް ހުއްޓުވާފައިވާ ކަމަށާއި ޓެކްނީޝަނުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.




