ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް، ”ދުޅަހެޔޮ އިސްރަށްވެހިން“ގެ ނަމުގައި ހައުސިން ދިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށަން ނިންމާފައިވާ ޕްރޮގްރާމްގައި ބައިވެރިވާން އިތުރު ފުރުސަތެއް ދީފިއެވެ.
މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހޭ ޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެކެވެ.
މިއީ މުޅިން ހިލޭ ބައިވެރިވެވޭ ޕްރޮގްރާމެކެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ގޫގްލް ފޯމް މެދުވެރިކޮށް ދުޅަހެޔޮ އިސްރަށްވެހީންގެ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.
މި މަހު ފަސްވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައެވެ. އަދި މި ޕްރޮގްރާމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ވީހާ ވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ވަނީ ދީފައެވެ.
”ދުޅަހެޔޮ އިސްރަށްވެހިން“ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވަނީ ނޮވެންބަރު 19 ގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރުގެ މުއްދަތަކަށެވެ. ކޮންމެ ބެޗަކަށް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ކުރިއަށްދާނެއެވެ.
މި ހަރަކާތާ އެކު ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ. އިސްރަށްވެހިންނާ ގުޅޭ މި ނޫން ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމާއި ސިއްހީ ހާލަތަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ބައިވެރިންނަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ އިތުރުން، ސެޝަންތައް ކުރިއަށްދާ ވަގުތު ފަސްޓްއެއިޑްގެ ޚިދުމަތާއި، ބޯފެނާއި އަރާމުކުރާނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނާނެއެވެ.
މި ޕްރޮގްރާމަކީ މި ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ހެލްތު އަދި، ހުޅުމާލެ ހޮސްޕިޓަލާއި، ފުލުހުންނާއި، ފިޒިއޯ ސޮލިއުޝަންސްގެ އިތުރުން ޕެންޝަން އޮފީހާއި، އެމްޓީސީސީއާއި، އުރީދޫ އަދި އެކިއެކި އެންޖީއޯތަކުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.




