ދިވެހިރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި، ވިއްކުމާއި އަދި ގަތުން ވެސް މަނާ ކުރައްވަން ނިންމެވިއިރު ވަރަށް ގިނަ ބަޔަކު އެކަން ނުކުރެއްވުމަށް ބުނި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު މިއަދު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްފަލް ޕާކުގައި މިހާރު ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ”ދުޅަހެޔޮ ސިއްހަތު“ މަޝްރޫއުގެ ދަށުން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުން މަނާކުރައްވަން ނިންމެވުމާ ގުޅިގެން، އެކަން ނުކުރައްވަން އެތައް ބަޔަކު ބުނި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ބައެއްގެ ވިޔަފާރިއަށް ގެއްލުންވެދާނެ ކަމަށް އެކި މީހުން ބުނިކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ވޭޕް މަނާކުރަން ނިންމި ނިންމެވުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދެކޮޅު ހެދުން އެމަނިކުފާނު ސިފަކުރެއްވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމެވުމުން އެކަމާ ދެކޮޅު ހެދުންފަދަ ކަމެއްގެ ގޮތުގައެވެ. އެކަމަކީ ވެސް އެކަން ކުރެއްވުމުން އޭގެ ފައިދާ ފެނުނު ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ހަމައެފަދައިން ވޭޕް މަނާ ކުރުމުން ވެސް ފައިދާ ފެންނަ ކަމަށެވެ.
”މިހާރު ބައްލަވާ ޤައުމު އޮތް ގޮތް. އެކަން ނުކުރިނަމަ (ވޭޕް މަނާ ނުކުރިނަމަ) ޤައުމު އޮންނާނެ ހާލަތެއް ވެސް ނޭނގޭ ނޫންތޯ؟ ޒުވާންޖީލުގެ ކުދިން އެފަދަ ކަންކަމަށް އެކްސްޕޯސްވެ ނުބައި މަގުތަކުން ދިޔުމަށް އޭރުން މަގުފަހިވާނީ. އަޅުގަނޑު އިސްކުރީ ޤައުމުގެ ދުޅަހެޔޮކަން. އަޅުގަނޑަށް އެންމެ މުހިންމުވާނީ ޤައުމު“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ވޭޕް މަނާކޮށް، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ގެނައި 1 ވަނަ އިސްލާހު ރައީސް މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ނޮވެމްބަރު 2024 ވަނަ ދުވަހުއެވެ. އަދި އެ ރޭގެ 12ގެ ފަހުން އެ ޤާނޫނަށް އަމަލުކުރަން ފަށައި، އެކަން ކޮށްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރާ ގޮތަށް ވެސް ޤާނޫނަށް ވަނީ އިސްލާހު ގެެނެސްފައެވެ.



