ދައުލަތުގެ މުއައްސަސާތަކާއި ރައްޔިތުންނާ ދެމެދު ލުއިފަސޭހަ އަދި ރައްކާތެރި ގޮތެއްގައި މައުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމު ކަށަވަރުކުރުމަށް، ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވްސް 2.0 އާ ގުޅުން ހުރި މުހިންމު މަޝްރޫޢުތަކެއް ކުރިއަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚިދުމަތުގެ މަރުހަލާގައި އިންސާނީ ބައިވެރިވުމުގެ ދައުރު ވީހާވެސް މަދުކޮށް، ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޚިދުމަތްތައް ފުޅާކުރުމަށް އަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ އަދާހަމަ އަދި ކުރިމަގުގެ ތަސައްވުރު ހިއްސާކުރައްވަމުން ރައީސް މުޢިއްޒު ވަނީ މޯލްޑިވްސް 2.0 ހަޤީޤަތަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިމަސައްކަތްތަކުގެ މަޤްޞަދުތަކާއި، މިކަންކަމުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އަމާޒަކީ 2027 ވަނަ އަހަރު ނިމޭއިރު މިކަންކަމުން ބޮޑު އިންސައްތައެއް ހާސިލުވެ، ނިމިފައި އޮތުން ކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އައިޑީ ކާޑަކީ ހަމައެކަނި ޕްލާސްޓިކް ކޮޅެއް ނޫން ކަމަށާ، އެއީ ރައްޔިތުންނަށް ބާރުލިބިދީ، ސަރުކާރާ ގުޅުވައިދޭ ސްމާޓް ވަސީލަތެއްކަމުގައި ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ސަރުކާރުގެ ތަސައްވުރަކީ ރައްޔިތުންނަށް އިތުރު ބާރުލިބިދޭ، ސަރުކާރުގެ ޚިދުމަތްތަކާ ފަސޭހައިން ގުޅުވައިދޭ މުހިންމު ވަސީލަތަކަށް އައިޑީ ކާޑު ބަދަލުކުރުންކަމުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖު (އެމް.ޑީ.އެކްސް) މެދުވެރިކޮށް، ދައުލަތުގެ މުއައްސަސާތަކާއި ރައްޔިތުންނާ ދެމެދު ފަސޭހައިން އަދި ރައްކާތެރިކަމާއިއެކު މަޢުލޫމާތު ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށާ، އަމާޒަކީ، މި އަންނަ އަހަރު މި ނިޒާމު ޤާއިމުކުރެވުމުން ރައްޔިތުން އެކި އެކި ޚިދުމަތްތައް ހޯދުމުގައި ތަކުރާރުކޮށް އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް ނިމުމެއް އައުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަމިއާއެކު، ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމުގެ ތެރެއިން، ކޮންމެ ފަރުދަކަށް އެމީހެއްގެ ޞިއްޙީ މަޢުލޫމާތާއި މެޑިކަލް ރެކޯޑުތަކުގެ އިތުރުން އެޕޮއިންޓްމެންޓް ހެއްދުމާއި، ބޭސް ސިޓީތައް އެއްތަނަކުން ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޑިޖިޓަލްކޮށް ބަލައިލެވޭނެ އިންތިޒާމު ފަހިކޮށްދިނުމާއި، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް އެއް ނިޒާމަކުން ގުޅާލެވުމުން އެއް ވިއުގައަކުން ގުޅާލެވުމުން، ބަލިމީހުންގެ މަޢުލޫމާތު ފަސޭހައިން ބަދަލުކުރެވި ޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 2027 ގެ ނިޔަލަށް މުޅި ޞިއްޙީ ނިޒާމު ޑިޖިޓަލްކުރުމަށް އަމާޒުހިފާފައިވާއިރު، އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފުޅާވަމުން އަންނަ އަދުގެ ދުނިޔޭގައި އެކަމަށްވެސް ދިވެހިރާއްޖެ އަހުލުވެރިކުރުވުމަށް އަދުގެ ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ޑިޖިޓަލް ފޮރ އޯލް ޤައުމީ ޑިޖިޓަލް އަދި އޭއައި ލިޓަރަސީ ކެމްޕޭނެއް ހިންގަވާނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި މިކަންކަމާ ގުޅޭ ޤާނޫނީ މަސައްކަތްތައްވެސް މިހާރު ފެށިގެން ކުރިއަށްދާކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.




