ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯ (3200 ގްރާމް) ގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށެވެ.
އެގޮތުން މި ތަކެތި ފެނިފައިވަނީ އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރެއިން ކަމުގައި ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އަދި ބަލައިފާސްކުރިއިރު ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ އިތުރު ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައެވެ.



