އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާގޮތަށް އިމިގްރޭޝަންގެ ބިލު އިސްލާހުކުރުމަކީ، އެ ޤައުމާ ރާއްޖެ ދެކޮޅުކަން ދެއްކުމަށް ކުރުން ކޮންމެހެން މުހިންމު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި އިމިގްރޭޝަންގެ ބިލަށް ބަޙުސް ކުރައްވަމުން މެންބަރުން ވަނީ އިމިގްރޭޝަންގެ ޤާނޫނުގައި މިހާރުވެސް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކޮށްފައިވާކަމަށާ، އިސްރާއީލުގެ ޕާސްޕޯޓުގައި ހާލަތަށް ރިއާޔަތްކޮށް ރާއްޖެއަށް އެތެރެނުވެވޭނެކަމަށް ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.
އަލަށް ހުށަހެޅި ބިލުގައި ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް ބަޔާންކޮށްފައިވަނީ އިސްރާއީލްގެ ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށެވެ. އަދި އެއީ މުހިންމު ބަދަލެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އިމިގްރޭޝަން އޮފީސް ތަރައްޤީކުރުމާއި، މުވައްޒަފުން ތަމްރީން ކުރުމުގެ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވަނީ ވަރަށް ރަނގަަޅަށް ކަމަށެވެ. އޭރު އިސްރާއީލުގެ ރައްޔިތުން ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ދީނީ އިލްމުވެރިންނާއި އާއްމުން އެދުމުން އެކަމާއި މެދު ދެއްކެވީ ބަހަނާތައް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
”މިއީ ކުރީ ސަރުކާރަށް ކުރަން ކެރިވަޑައި ނުގަތް ކަމެއް. އަޅުގަނޑުމެން މިކަން މިކުރީ. އިސްރާއީލު މީހުންނަށް މިހާރު ރާއްޖެއަކަށް ނާދެވޭނެ“ ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން މި ބިލަށް ވާހަކަދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ހުސައިން ވިދާޅުވީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ހަމަޖައްސަން ކެރުނީ މި ސަރުކާރަށާއި، ޕީއެންސީގެ މެމްބަރުން ތިބި މިހާރުގެ މަޖިލީހަށް ކަމަށެވެ. ރައްޔިތުން ތަކުރާރުކޮށް އެދުމުން ވެސް ކުރިން ތިބި އެމްޑީޕީގެ މެންބަރުންނަށް އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހަމަޖައްސަން ކެރިވަޑައި ނުގަތް ކަމަށް އޭނާ ވިދާޅުވިއެވެ.



