މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ތިން މަނީ ޗޭންޖަރެއްގެ ލައިސަންސް ބާތިލްކޮށްފިކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެއިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތިން ތަނަކީ އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
މީގެ އިތުރުން އެ ތިން ތަން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އެގޮތުން އެލް.ވީ.އާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 (ފަސް ލައްކަ) ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
“ ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުންނުދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަވެފައެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ.“ އެމްއެމްއޭގެ ނޫސް ބަޔާނުގައި ވެއެވެ. އަދި ޤާނޫނާއި ގަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެމްއެމްއޭ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.



