ދުނިޔޭގެ ކަނޑުގެ ވިޔަފާރިގެ މުހިންމު މަގުތަކުގެ ކައިރީގައި ރާއްޖެ އޮތް އޮތުމަކީ، ޖިއޮގްރަފީ ގޮތުން ލިބިފައިވާ ބޮޑު ފައިދާއެއް ކަމަށާއި، މިފައިދާ ޙަޤީޤީ އިޤުތިޞާދީ ފުރުޞަތުތަކަކަށް ބަދަލުކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެސްޓީއޯ އަދި ސާޙު ގްރޫޕާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އުތުރުގެ ސަރަޙައްދު އިޤުތިޞާދީ މައި މަރުކަޒަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ޞިނާޢަތްތައް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ”ވިޝަން 2040“ ޙާޞިލު ކުރުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން ބާރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށާއި އެ ސަރަޙައްދުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށާއި، އިޤުތިޞާދު ސިންދަފާތުވެ، އައު ވަޒީފާގެ ފުރުޞަތުތައް ފަހިވުމުގެ އިތުރުން އިތުރު އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް މަގުފަހިވާނެކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޖޮއިންޓް ޕްރޮޖެކްޓު ޑިވެލޮޕްމެންޓް އެގްރީމަންޓާއެކު ކުރިއަށް މުހިންމު ފިޔަވަޅެއް އެޅިފައިވާ ކަމަށާއި، ދެން ކުރިއަށްދާނީ ތަފުޞީލީ މަޝްވަރާތައް ކަމަށެވެ. އަދި އެންމެ ފަހުގެ އެއްބަސްވުންތައް ނިންމައި ދާދި އަވަހަށް ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



