ރާއްޖެއިން ފްރާންސާއެކު ސިޔާސީ މަޝްވަރާތައް ގާއިމްކުރުމާ ގުޅޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭގޮތުން ”ލެޓާ އޮފް އިންޓެންޓު“ ގައި ސޮއިކޮށްފައިވަނީ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރެމީ ލަމްބާޓް އެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމަށް މުހިއްމު ދާއިރާތަކުން ގަވާއިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދިނުމާއި ރާއްޖެ އާއި ފްރާންސާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުން ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.
އަދި އެކަމުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ދެ ގައުމު ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
އޭގެ ތެރެއިން، ބައިނަލްއަގުވާމީ ކަންކަމުގައި ހާއްސަކޮށް ގިނަ ގައުމުތައް ބައިވެރިވާ ނިޒާމެއްގެ މުހިއްމުކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމާއި ކަނޑުތައް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ގައުމުން ގެންގުޅޭ ސިޔާސަތުތައް ފާހަގަކުރެއްވިއެވެ.




1 Comment
އިލެކްޓްރޯނިކް ވޯޓިންއަކަށް ދޮންކުރަނީ. މިކަލޭގެ ހުރީ މުޅި އުމުރު ވެރިކަމުގަހުންނަން ފައިނަގައިގެން