އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ފެށުމާއެކު ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވަނީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް ހުށަހަޅުއްވާފައެވެ.
އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެވެ. އަދި އެ ހުށަހެޅުން ކޮމިޓީން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ވޯޓުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފިނޭންސުން ހުށަހެޅީ، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެއީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެންމެ ބޮޑު ބަޖެޓެއް ޚާއްސަ ކޮށްފައިވަނީ ސިއްހީ ދާއިރާއަށެވެ. އެ ދާއިރާއަށް 10 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.




